ވަޅު ޢީދު
- Vaahaka Goani

- Jun 5, 2019
- 2 min read
ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް މީހުންތައް ދުވަނީއެވެ. އަނާގެ މަންމަ ވެސް ބޮޑު ތެއްޔެއް ބޮލަށް ލައިގެން ބާރަށް ހިނގާފައި ގޮސް ބޭރު ދޮރު ކައިރީގައި ހުރި ތެލިތަކެއްގެ ތެރެއަށް މަންމަގެ ބޮލުލައި އޮތް ތެލިވެސް ލިއެވެ. ގޭތެރޭގައި ވަރަށް އަޑު ގަދައެވެ. ހުރިހާ ބޮޑެތި މީހުން އުޅެނީ ކޮންމެވެސް ކަމެއްގައެވެ. އަނާ ލޯއުގުޅަމުން އުގުޅަމުން އައިސް މަންމަ ގާތުގައި ބުންޏެވެ. "މަންމާ! ކިހިނެއްވީ، ކީއްވެ ތެލިތައް ބޭރަށް ލަނީ؟" މަންމަ ބުންޏެވެ. "ދަރިފުޅާ މިދަނީ މޫދަށް ތެލި ދޮންނަށް، އިއްޔެ އީދަށް ކެއްކި ތެލިތައް ބޮޑެތިކަމުން މޫދުން ދޮވެލަން ވަރަށް ފަސޭހަވާނެ، އެހެންވެ މިދަނީ، މަންމަމެން ރަށުގައި އުޅުނު އިރު އަބަދު ވެސް ތެލިދޮންނަން ދަނީ ގޮނޑުދޮށަށް". އަނާ ވެސް މަންމަ އާއިއެކު ދާން ބޭނުންވިއެވެ. އަދި ގޭ އެންމެންނާއި އެކު އަވައްޓެރި ގެތަކުން ވެސް ވަރަށް ގިނަ މީހުން ތެލިދޮންނަށް ދިޔައެވެ.

ވަރަށް ހެނދުނުގެ ވަގުތެއް ކަމުން މޫދުގެ ދިޔަވަރު ވެސް ފުދޭވަރަކަށް ހިއްކެވެ. ކޮންމެވެސް ވަރަކަށް ވައިޖެހެއެވެ. އެހެނަސް ދުވަހަކީ ހޫނު ދުވަހެކެވެ. އަނާގެ މަންމައަށް ތެލިދޮންނަށް އާދެވުނީ ހަނދާން ނެތި ގަޑި އަޅައިގެންެނެވެ. މަންމަ އަނާ އަތަށް ގަޑި ދެމުން ރަގަޅަށް ގަޑިއަށް ބަލައްޗޭ އަދި ރީތިކޮން މަންމަމެން ކުރާ ކަންތައްތައް ބަލަން ހުންނާށޭވެސް ބުންޏެވެ. އަނާ ގަޑި ހިފައިގެން އެހެންކުދިންނާއެކު ގޮޑުދޮށުގައި ދުވެ، ކުޅެލަން އިރުކޮޅަކު ހުއްޓެވެ. އަނާއަށް މަންމަމެން ތެލިދޮންނަތަން ފެނުމުން އަނާވެސް ވަރަށް ތެލިދޮންނަ ހިތްވިއެވެ. މަންމަ ގާތުގައި ތެލިދޮންނަށް ބޭނުން ވާހަކަ ބުނުމުން މަންމަ ބުންޏެވެ. "ދަރިފުޅު ތަންކޮޅެއް ބޮޑުވީމަ ތެލި ދޮންނަން ދޭނަން އިނގޭ!" އަނާ އަނެއްކާވެސް ކުޑައިރުކޮޅަކު ކުޅެލަން އުޅުނެވެ. މަންމަ ވަރަށް ފޯރީގައި ވެލި ލައިގެން ތެލި އުނގުޅާލަ އުގުޅާލަ އިނެވެ. ކުއްލިއަކަށް މަންމަ އަށް ފެނުނީ އަނާ ވަރަށް ހިތްވަރާއިއކު ވެލިލައިގެން އެއްޗެއް ދޮންނަ ތަނެވެ. ރަގަޅަށް ބަލާލި އިރު އަނާ، މަންމަގެ ގަޑި ވެލިލައިގެން ދޮވެލަނީއެވެ.

މަންމަ އަވަހަށް ގޮސް އަނާއަތުން ގަޑި އަތުލާ ބަލާލި އިރު މޫނުމަތި އެއްކޮން ވަނީ ފުސް ވެފައެވެ. އަދި ގަޑިތެރެއަށް ލޮނުވެސް ވަނީ ވަދެފައެވެ. އަނާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "މަންމާ! ގަޑި ރީތި ކޮށްލަދިނީ އިނގޭ!". ގަޑި ހަލާކުވުމުން މަންމަ ވަރަށް ދެރަވިއެވެ. އެކަމަކު އަނާ ގަސްތުގާ ކުރިކަމެއް ނޫންވީމާ މަންމަ އަނާ އަށް ވިސްނާދިނެވެ. "އަނާ! އަބަދުވެސް ވާނެ މަންމަ ބުނާ ވާހަކަ އަޑު އަހަން، މިހާރު ވަރަށް ދެރަ ގޮތެއް މިވީ ، ބައްޕަ ވެސް ވަރަށް ދެރަވާނެ ގަޑި ހަލާކު ވީމަ، ދެންފަހަރަކުން ވާނެ މަންމަ ބުނާ ގޮތަށް ކަންތައްތައް ކޮށްލަން". އަނާ ބުންޏެވެ. "މަންމާ! ކީއްވެ އަނާއަށް ތެލިދޮންނަށް ނުދިނީ؟" "އެހެން ވިއަސް ތެލީގެ ބަދަލުގަ ގަޑި ދޮވެލީމަ ކަމަކު ނުދާނެއެއްނު. މަންމަ ގާތުގައި ބުނެލިނަމަ އެއްނު ގަޑި ދޮންނަން ބޭނުމޭ، މަންމަ ވެސް ބަލާނަށް ދެން ފަހަރަކުން އަނާ ބައިވެރިކުރެވޭތޯ އެކަމަކު އަނާވެސް ވާނެ މީގެ ފަހުން މަންމަ ގާތު ބުނަން ބޭނުންވާ ކަންތައްތައް." އަނާއަށް ވިސްނައިދިނުމުގެ ގޮތުން މަންމަ ބުންޏެވެ.
އަނާ ވަރަށް ދެރަވިއެވެ. އެކަމަކު ދެން ކުރެވޭނެ ކަމެއް ނެތެވެ. އަނާ ފޫހިވެފައިވެއްޔާ ކުޅެން ގޮޑުދޮށުގައި އިނެވެ. މަންްމަ ބުނިގޮތަށް ގަޑި ބެލެހެއްޓުނުނަމަ ދެރަވާކަށް ނުޖެހުނީހެވެ.

ތެލިދޮވެ ނިންމާލާފައި މަންމަ އަނާ އަށް ގޮވާލިއެވެ. "އަނާ! އަނާ! އާދޭ މޫދަށް އެރެން،" އަނާ ވަރަށް އުފާވިއެެވެ. އަދި މަންމަ އާއިއެކު މޫދުގައި ވަރަށް މަޖާ ކުރިއެވެ. ނިންމާލާފައި އެނބުރި ގެއަށް އައި އިރު ތެލި އުފުލަންވެސް އަނާ މަންމަ އަށް އެހީތެރިވެދިނެވެ.






Comments