ކަރާފަނި
- Vaahaka Goani

- Jun 3, 2019
- 2 min read
ބައްޕަ ބާޒާރުން ގެނައި ކަރާ، އަނާ އަށް ހިއްލާލެވުނީ ހަމަ ކިރިޔާއެވެ. ވަރަށް ބުރަ މަސައްކަތުން މޭޒުމަތިން ކަރާ ނަގައިގެން އައިސް މަންމަ އަތަށް ދިނެވެ. "މަންމާ! މީ ހާދަ ބޮޑު ކަރަލެކޭ"، މަންމަ ހީލާފަ ބުނެލި "ހާދަ ބޮޑު ކަރައެކޭ ދޯ؟ ދަރިފުޅާ". އަނާ އަށް ބުނެވުނީ ރަގަޅަށް ނޫންކަން ވިސްނުމުން އަނާ މަންމައާ ދިމާއަށް މޫނުހަދާލާފަ ވަރަށް ބާރަށް "ކަރައެއް!" މިހެންބުނެލިއެވެ. އަދި ދެމައިން އެއްފަހަރާ ހޭންފެށިއެވެ.

އަނާގެ މަންމަ މިއަދު އުޅެނީ ރޯދަވީއްލަން ކަރާ ފަނި ގިރާށެެވެ. އަނާ އަށް ވެސް ކަރާފަނި ވަރަށް މީރެވެ. އެކަމަކު ކަރާފަނި ހުންނަންވާނީ ވަރަށް ފިނިކޮށެވެ. އެހެން ނޫނީ އަނާ އެހާ ކަރާފަނި ބޯހިތެއް ނުވެއެވެ. "މިއަދު މިހާރު ވަރަށް ލަސްވެއްޖެ، ދެން ކަރާ ފަނި ފިނި ވާނެކަމެއްވެސް ނޭނގެ" މަންމަ ބުނެލިއެވެ. މިއަޑު އަހާފަ އަނާ ވަރަށް ހާސްވެއްޖެ، އަދި މަންމަ ކައިރީ ދެން ހަދާނީ ކިހިނެއްތޯ އަހާލިއެވެ. މަންމަ ބުނީ "ދެން ކީއްކުރާނީ، ފިނި ނުވިއަސް ބޯނީ އެއްނު". އަނާ މިކަމާ ވަރަށް ފޫހިވިއެވެ. އެކަމަކު ރޯދަވީއްލަން ވާއިރަށް ފިނި ވާނެކަމުގެ އުއްމީދުގައި އަނާ ހުއްޓެވެ.
އާދައިގެ މަތިން އާއިލާގެ ހުރިހާ މެމްބަރުން އެއްކޮށް އެދުވަހުގެ ރޯދަ ވީއްލުމަށްޓަކައި ކާމޭޒުކައިރިއަށް ޖަމާވިއެވެ. އަަނާވެސް ގަޑިއަށް ބަލަންހުރެ ވަގުތު ޖެހުމުން ކަދުރެއް ހިފައިގެން އިށީނެވެ. މަޣުރިބް ނަމާދު ބަންގިއާއި އެކު ކަދުރު ކާލުމަށްފަހު އަނާ ފުރަތަމަ ވެސް ބަލާލީ ކަރާފަނި ހުރީ ފިނިވެފަތޯއެވެ. ވަަރަށް ދެރައެވެ. ކަރާފަނި އަދި އެންމެ މީރު ވަރަށް ފިންޏެއް ނުވެއެވެ. އަނާ ވަރަށް ފޫހިވިއެވެ. އަނާ ފޫހިވި ވަރުން ރަގަޅަށް ނުވެސް ކެވުނެވެ.

ވަރަށް އަވަހަށް ރޯދަވީއްލައިގެން އަނާ ތެދުވިއެވެ. މަޑު މަޑުން ގޮސް އައިސްއަލަމާރި ހުޅުވާލިއެވެ. އަދި ގަނޑު ކުރާ ބައިން ގަނޑުފެންކޮޅެއް ނެގިއެވެ. އަނާގެ ފަނިތަށި ފިނިކުރަށް ގަނޑުފެން އަޅާނީއޭ ހިތަށްއަރާފައި ނެގީ ގަނޑުފެން ކޮޅެކެވެ. އެވަގުތު އަނާއަށް މަންމަގެ އަޑު އިވުނެވެ. އަނާ ކުރަނީ ކީއްތޯ މަންމަ ސުވާލުކުރިއެވެ. އަނާ އެއްވެސް ކަމެއް ނުކުރަމޭ ބުނެ ގަނޑުފެން ކޮޅު އަނގަޔަށް ލުމަށްފަހު އައިސްއަލަމާރީގެ ދޮރު ލެއްޕިއެވެ. އެވަގުތު މަންމަ އަންނަ ތަން އަނާ އަށް ފެނުނެވެ. އެވަގުތު އަނގައިގައި އޮތް ގަނޑުފެންކޮޅު އޮތްގޮތަށް ދިރުވާލެވުނެވެ. އަދި ގަނޑުފެންކޮޅު ބޮޑުކަމުން ކަރުގައި ތާށިވިއެވެ. އަނާ ހާސްވެގެން ދެކޮޅަށް ދެކޮޅަށް ދުވަން ފެށިއެވެ. މަންމަ އަށް ވީގޮތް ވިސްނުމުން އަނާކައިރީ ހަމަޖެހިލަން ބުންޏެވެ. ކުޑައިރުކޮޅަކުން ގަނޑުފެންކޮޅު ދިރިއްޖެއެވެ. "ދަރިފުޅާ! މަންމަ މި އައީ ވެސް އަނާއަށް ގަނޑުފެން ކޮޅެއް ނަގާދޭން، މަންމަ ގާތު ދަރިފުޅު ކުރަން އުޅޭ ކަމެއް ބުނެލިނަމަ...". އަނާ ހުރީ ގަނޑުފެންކޮޅު ކަރުގާ ތާށި ވީމަ ވަރަށް ބިރުންނެވެ.

އެރޭ ތަރާވިސް ނަމާދު ނިންމާފައި މަންމަ އައި އިރުވެސް އަނާ ހުރީ ބިރުގެންފައެވެ. މަންމަ ގޮސް އަނާއަށް ކަރާފަނި ތަށްޓެއް ގެނެސްދިނެވެ. ވަރަށް ފިނި މީރު ކަރާފަނި ތަށްޓެކެެވެ. ފަނިތަށި ބޯލާފައި އަނާ ވަގުތުން އުފާވިއެވެ. އަދި މަންމަ ގާތު ބުންޏެވެ. "މަންމާ! ދެން އަބަދުވެސް ވަރަށް އަވަހަށް ފަނި ގިރާތި، އޭރުން ނުޖެހޭނެ ގަނޑުފެން އަޅާކަށް، އަނާ ބޭނުމީ ވަރަށް ފިނިކޮން ފަނި ބޯން". މިހެން ބުނުމުން އަނާގެ މަންމަ އެއްވެސް އެއްޗެއް ނުބުނެއެވެ.
އަނާ ނިދަން އޮށޯތުމުން މަންމަ އަނާ އަށް ވާހަކެއް ކިޔާދޭން ފެށިއެވެ. "ދަރިފުޅަށް އެނގޭތަ، މަންމަ ކުޑައިރު ނުހުންނާނެ އައިސްއަލަމާރި އެއް"."ދެން ކިހިނެއް މަންމަ ފިނިފެން ބޮނީ؟" މަންމަގެ ވާހަކަ މެޑުކަނޑާލާފަ އަނާ ބުނެލިއެވެ. މަންމަ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އޭރު ހުރިހާ ގެއެއްގައިވެސް ހުންނާނެ ވަޅު، ފިނިކޮށް ތާޒާކޮށް ބަހައްޓަން ބޭނުންވާ އެއްޗެހި ވާގަނޑެއްގައި އައްސާފައި ހުންނަނީ ވަޅުގެ ފެން ހުންނަ ހިސާބަށް ތިރިކޮށްފަ، ބައެއްފަހަރު ހިކަނދިފަތް ރާނބާ ފަތް ކަހަލަ އެއްޗެހި މިހެން ބަހައްޓަން، އެގޮތަށް ބެހެއްޓީމަ ގިނަ ދުވަހު ހަލާކުނުވެ ހުންނާނެ، ދެން ފެން ނޫނީ ފަނި ފިނިކުރަން ބޭނުންވީމާ ވާގަޑަކުން އައްސާފަ ވަޅަށް ލާފަހަ ބާއްވަނީ، އެގޮތަަށް މަންމަމެން ފަނި ފިނި ކުރަނީ، ދެން އެހާ ފިނި ނޫނަސް މަންމަމެން އެހާބޮޑަށް އެކަމާ ކަންބޮޑެއް ނުވޭ އަދި މީރު ކާތަކެތި ލިބޭތީ އެކަމަށް އަބަދުވެސް ޝުކުރު ކުރެވޭތޯ ބަލަން".
އަނާ މަންމަގެ ވާހަކަ އަޑުއަހާފަ، އަނާ އަށް ފިނިކޮށް މީރު ކަރާފަނި ލިބޭތީ ވަރަށް އުފާވިއެވެ. އަދި އަނާއަށް މިކަން ކުރިން ވިސްނުންނަމަ ގަނޑުފެން ކޮޅު ކަރުގާ ތާށިވެގެން ބިރުން އުޅޭކަށް ވެސް ނުޖެހުނީހެވެ. އޭގެފަހުން އަނާ ކަރާ ފަނި ބޯ ކޮންމެ ދުވަހަކު މަންމަގެ ވާހަކަ މަތިން ހަނދާންވެއެވެ. އަދި މަންމަ، އަނާ އަށް މީރުކޮށް ކަރާފަނި ގިރާދޭތީ އެކަމާ އުފާކޮށް ޝުކުރު ކުރެއެވެ.






Comments