top of page

ގަނޑު ފިއްލާ

  • Writer: Vaahaka Goani
    Vaahaka Goani
  • May 26, 2019
  • 2 min read

Updated: Jun 2, 2019

ވަރަށް ހޫނުގަދަ ދުވަހެކެވެ. އަނާ ހުރީ ރޯދައަށެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އަނާ ވަރަށް ބޮޑަށް ވަރުބަލިއެވެ. އެއްވެސް ކަމެއް ކުރާހިތެއްވެސް ނެތެވެ. ސޯފާ މައްޗަށް ވެއްޓިފައި ކާޓޫނުބަލަން އޮތީއެވެެ.


ree

އަނާ މާގިނަވަގުތު ޓީވީ ބަލަން ހޭދަކުރާތީ މަންމަ ކަންބޮޑުވެގެން ބުނެލިއެވެ. "އަނާ! މިހާރު މާގިނައިރު ވެއްޖެއެއްނު ޓީވީ ބާލާތާ، ދެން ދޭބަލަ ކުޅެލަން ނޫނީ ފޮތެއް ކިޔާލަން". އަނާ ބުނެލި "މަންމާ، މިއަދު މިހިރީ ވަރަށް ފޫހިވެފަ، ބޭރުވެސް ވަރަށް ހޫނު، ދެން ކިހިނެއް އުނދޯލި ހެއްލާލަންވެސް ދާނީ؟"

އެވަގުތު އަނާގެ މަންމަ އަށް ޚިޔާލެއް އައެވެ. އަނާ ކައިރީ ބުނެގެން އަނާގެ ރަޙުމަތްތެރި އަވައްޓެރި ކުދިން ކޮޅެއް ގެއަށް އެއްކޮށްލިއެވެ. އަނާ ހުރީ ވަރަށް ހިތްއަވަސް ވެފައެވެ. މަންމަ މިއުޅެނީ ކީއްކުރަންބާއޭ އަނާ ހިތަށްއެރިއެވެ. މަންމަ އެތަން މިތަން ހޯދަމުން ހުރިހާ ކުދިން ކައިރީ ގޭގައި ހުރި ބާލީސްތައް އެއްކުރަން ބުނެލިއެވެ. "ޗުކު ޗުކު" ލައްވަމުން ހުރިހާ ކުދިން ބާލީސްތައް އެއްކުރަން ފެށިއެވެ. އަނެއްކާ އަނާގެ މަންމަ މިއުޅެނީ ބާލީސްތައް އަވީލާންބާއެވެ. އެއްވެސް ކުއްޖަކަށް ވާނުވާއެއް ނޭގުނެވެ. އިރުކޮޅަކުން އަނާގެ މަންމަ ގެއްލިއްޖެއެވެ. ހުރިހާ ކުދިން އަނާގެ މަންމަ އަންނަންދެން ކެތްމަދުވެފައި ތިއްބެވެ.

ree

ކުއްލިއަށް ކުދިންނަށް ފެނުނީ ބޮޑު ބެޑުޝީޓެއް ދޮރުން ނުކުންނަތަނެވެ. އަނެއްކާ މިއީ ކޮންއެއްޗެއްބާއެވެ. އެއްކުއްޖެއް އަނެއްކުއްޖެއްގެ މޫނަށް ބަލާލާފައި ހަޅޭއްލަވަމުން ދުވަންފެށިއެވެ. އެވަގުތު އަނާގެ މަންމަ، ބޮލުގައި އޮތް ބޭޑްޝީޓު ނެގިއެވެ. އެއީ އަނާގެ މަންމަކަން ކުދިންނަށް އެނގުމުން ހުރިހާ ކުދިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަނާ ބުނެލި "މަންމާ! ކީއްކުރަންތަ މި އުޅެނީ؟""

މަންމަ ބުނެލި "މިއުޅެނީ ގަނޑުފިއްލާ ކުޅެން". ހުރިހާ ކުދިން ހައިރާންވެފައި އަނާގެ މަންމައަށް ބަލާލިއެވެ. ގަނޑުފިއްލާއަކީ އަނާ މަންމަ ކުޑައިރު ކުޅޭ ވަރަށް މަޖާ ކުޅިވަރެކެވެ. ހުރިހާ ކުދިންނަށް ކުޅެންވީ ގޮތް އަނާގެ މަންމަ ކިޔާދިނެވެ.

އަނާ ވަގުތުން އިސްވެ ހުރިހާ ކުދިން ދެގްރޫޕަކަށް ބަހާލިއެވެ. އެއް ގްރޫޕް ދިޔައީ ބޭޑްޝީޓް އަދި ބާލިސްތައް ހިފައިގެން ކޮޓަރިއަށެވެ. އަނެއް ގްރޫޕް ތިބީ ބޭރުގޭތެރޭ މަޑުކޮށްލައިގެންނެވެ. ކޮޓަރިއަށް ވަން ކުދިންގެ ތެރެއިން ރީނީ އެނދުމަތީ އޮށޯވެލިއެވެ. އަދި ކަކުލުގައި ބައްދާލާ ކުރުގެޅިލައިގެން އޮތެވެ. އެހެން ކުދިން ރީނީ ވަށައިގެންނާއި ގައި މަތީގައި ބާލީސްތައް އަތުރާލުމަށްފަހު އޭގެ މަތިން ބެޑްޝީޓް އަޅާލިއެވެ. މިއަށް ކިޔަނީ "ގަނޑު" އެވެ. އެއަށްފަހު ދެންތިބި ކުދިން އެކި ދިމަދިމާލަށް ވަދެ ފިލައިފިއެވެ.

ree

އެވަގުތު ބޭރުގައި ތިބި ގްރޫޕް އެތެރެއަށް ވަނެވެ. ގަނޑު ދަށުގައި އޮތީ ކޮން ކުއްޖެއްތޯ ތިންފަހަރު މަތިން ދިމާކުރަންޖެހެއެވެ. ހުރިހާ ކުދިން އެއްކޮން "އަނާ! އަނާ!" ގޮވާލިއެވެ. އެހެންނަމަވެސް ގަނޑު އޮތްގޮތަށް އޮތީއެވެ. އަދި ދޮރުފޮތިގަނޑުގެ ފަހަތުގައި ފިލާ ހުރި އަނާ ބޭރަށް ނުކުތެވެ. ދެން ކުދިން ގޮވާލި، "ގަނޑު ހެލެ ހެލެ ހެލެ" އަވަގުތު "ގަނޑު" ހެލެން ފެށިއެވެ. ހުރިހާ ކުދިން އެއްކޮށް ގޮވާލި "ރީނީ! ރީނީ!" އެވަގުތު ފުންމައިގެން ރީނީ ތެދުވިއެވެ. އަދި ފިލާ ތިބި ހުރިހާ ކުދިންވެސް ހެމުން ހެމުން ހަޅޭއްލަވަމުން ނުކުތެވެ. ދެން މިފަހަރު "ގަނޑު" ހަދާނީ ބޭރުގައި ތިބިކުދިންނެވެ.

އިރުގަނޑަކު ކުދިން މިހެން ކުޅެން ތިބުމަށްފަހު ކުޅުން ނިންމާލީ އަޞްރު ނަމާދު ބަންގި ގޮވުމުންނެވެ. ރަޙުމަތްތެރިން ގެއަށް ދިޔުމުން އަނާ މަންމަ ގާތަށް ދިޔައެވެ. އަދި ބުނެލި "މަންމާ! ގަނޑު ފިއްލާ ވަރަށް މަޖާ" މަންމަ ބުނެލި "ދަރިފުޅާ، މަންމަމެން ކުޑައިރު ތިޔަކަހަލަ ވަރަށް ގިނަ ކުޅިވަރު ކުޅެން، ފީކޯއި، ތިންމުގޯލި، ހިރި، ކޮރާ އަދިވެސް ވަރަށް މަޖާ ކުޅިވަރުތައް ހުންނާނެ، އަބަދު ޓީވީ ބަލަން އިނުމަށްވުރެ އެހެންކުދިންނާއި އެކު ހަރަކާތްތެރިވެ އުޅުމުން މާ މަޖާވާނޭ". އަނާއަށް އާ ކުޅިވަރެއް ދަސްވުމުން ވަރަށް އުފާވިއެވެ. އަދި އޭގެ ފަހުން އަނާގެ ރަހުމަތްތެރިންނާއިއެކު މިފަދަ ތަފާތު ކުޅިވަރުތައް ހޯދާ ކުޅެއެވެ.

1 Comment


Aami Saleem
Aami Saleem
May 26, 2019

Old memories refreshed. Thank you for introducing “gandufilla” to this generation via this story. A very happy reading it sure was 🙂

Like
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
bottom of page