top of page

ޢީދު ދުވަސް

  • Writer: Vaahaka Goani
    Vaahaka Goani
  • Jun 4, 2019
  • 3 min read

Updated: Jun 9, 2019

"ޢީދު އައީ ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދު ލަމުން، ރީތިވިހާ ލަވަ ކިޔަމުން މާމަލުގައި ނަލަ ކުލަ ޖައްސަމުން..." ހުރިހާ ގެއެއްގެ ޓީވީތަކުން އިވެނީ އެއް އަޑެކެވެ. ޢީދު ދުވަހަށް ޚާއްޞަ ލަވައެއްގެ އަޑެވެ. އީދުގެ އުފާވެރިކަން ހުރިހާ މީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. އަނާ ވެސް އުފަލުން ދެކޮޅަށް ދެކޮޅަށް ދުވެ ނިދަންވެސް ނުގޮސް އެކި ކަންތައްތައް ކޮށްލަ ކޮށްލާ އުޅުނެވެ. އަނާގެ މަންމަ ބަދިގެ ތެރޭގައި ފިޔާ ނޮޅަނީއެވެ. އެހެން ރޭތަކާއި ޚިލާފަށް މިރޭ ބަދިގޭގައި ވަރަށް ސާމާނުތައް ގިނައެވެ. އަނާގެ މިއަހަރުގެ އެންމެ ފަހު ރޯދަ ހިފުނީމާ އަނާ ވަރަށް އުފާވިއެވެ. ޢީދަށް ތައްޔާރުވުމަށް އަނާގެ ބައްޕަ ވަނީ އަނާ އަށް އާ ހެދުމެއްވެސް ގެންދީފައެވެ. އަދި ޢީދު ހަދިޔާ ވެސް އަނާއަށް ލިބުނެވެ. މިކަމާ އަނާ ވަރަށް އުފާވިއެވެ.


އަނާ ބަދިގެއަށް ވަދެ މަންމަ ހަދަނީ ކޯއްޗެއްތޯ ސުވާލުކުރިއެވެ. އެވަގުތު މަންމަ އުޅެނީ ބޯކިބާ އަޅާށެވެ. އާދައިގެ މަތިން ކޮންމެ ޢީދު ދުވަހެއްގެ ހެނދުނަށް އަނާގެ ގޭގައި ފޮނި ބޯކިބަލަކާއި ކުޅިބޯކިބަލެއް އަޅައެވެ. މިއީ އަނާ މަންމަ ކުޑައިރުއްސުރެ ކުރަމުން އަންނަ ކަމެވެ. އަނާ ގާތު ނިދަން ދިޔުމަށް މަންމަ އެދުނެވެ. ހެނދުނު ޢީދު ނަމާދަށް ދާން ތެދުވަން ވާނެކަމަށްވެސް މަންމަ ބުންޏެވެ. ނަމަވެސް އަނާ ހުރީ މާ މަޖާވެފައެވެ. އެއްވެސް ވަރަކަށް ނިންޖެއް ނާދެއެވެ. ބަދިގެތެރޭގައި ފަހަރަކު އެއްޗަކާ ކުޅެލަ ކުޅެލާ އަނާ އުޅުނެވެ. މަންމަ އަށް ކުޑަކޮށް އުނދަގޫވެސް ވިއެވެ. މަންމަ އަނާގާތު އަނެއްކާވެސް ނިދަން ދިޔުމަށް ބުންޏެވެ. ނަމަވެސް އަނާ މިކަމަށް ސަމާލުކަނެއް ނުދިނެވެ. އިރުކޮޅުކޮޅާ ދުވެލާފައި އައިސް ބަދިގެ އަށް ވަދެއެވެ. މިހެން އަންނަނިކޮށް މަންމަ ކޮށާފަ ހުރި ފިޔާތަށި ހިފައިގެން އެނބުރެލި ތަނާ، މަންމަ ގައިގަ އަޅައިގަނެ ފިޔާ ތައްޓާއިއެކު އަނާ ވެއްޓިއްޖެއެވެ. މަންމަ ވަރަށް ހިތްހަމަ ނުޖެހުނެވެ. މަންމަ ކުރި ބުރަ މަސައްކަތް އަނެއްކާވެސް ކުރަން ޖެހުނީކަން އެނގުމުން އަނާ ވަރަށް ދެރަވިއެވެ. މަންމަ ގާތު އަނާ ގަސްތުގާ ކުރި ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. މަންމަ އަނާ އަށް އަނެއްކާވެސް ނިދަން ދިޔުމަށް އެދުނެވެ. ނަމަވެސް އަނާގެ ލޮޔަށް ނިދި އަންނަކަމަކަށް ނުވިއެވެ.


ree

އެންމެ ފަހުން މަންމަ އަނާ ގާތު ހުނިގާނަން ބުންޏެވެ. އަނާ ހެމުން ހެމުން ބުންޏެވެ. "މަންމާ! އަނާއަކަށް ނޭންގޭ ހުނި ގާނާކަށް". އެކަމަކު ވެސް މަސައްކަތް ކޮށްލާށޭ މަންމަ ބުންޏެވެ. އަދި އަނާގާތު މަންމަ ވެސް ހުނިގާނަން އިށީނެވެ. އިރުކޮޅަކުން އަނާ ފޫހިވެއްޖެ އެވެ. އަދި ވަރަށް ފަރުވާކުޑަކޮށްލާފައި ނާށިތަކާއި ކުޅެން ފެށިއެވެ. އިރުކޮޅަކުން އަނާ އެއްލި ނާއްޓެއް ގޮސް މަންމަ ގާނާފަ ހުރިހުނިއެއްޗަށް ވެއްޓި ހުނިތައް ބުރައިގެން ދިޔައެވެ. މަންމަ އަނެއްކާވެސް އަނާ ގާތު ނިދަން ދިޔުމަށް އެދުނެވެ. އެވަގުތު އަނާ ހިތްހަމަ ނުޖެހި ހުރެފައި ބުންޏެވެ. "މަންމާ! އަނާ ގަސްތުގަ ކުރި ކަމެއް ނޫނޭ، ދެން ކީއްވެ މަންމަ ރުޅި އައީ". މަންމަ އަނާދެކެ ރުޅި ނާންނަކަމަށް ބުނެ މަންމަ ބުރަކޮށް އުޅޭތީ އެހީތެރިވެދިނުމަށް އެދުނެވެ.


ree

އަނާ މަންމަ އަށް އެހީވުމަށްޓަކައި ބާޒާރުން ގަނެފައި ހުރި ތަކެތި، ކޮތަޅުތަކުން ނަގާފައި މަންމަ ބުނާ ތަން ތަނަށް ލާދޭންފެށިއެވެ. އިރުކޮޅަކުން އަނާ ފޫހި ވެއްޖެއެވެ. ދެން ވަރަށް ފަރުވާ ކުޑަކޮށް ބިސް ކޮތަޅު ނެގިތަނާ އަނާގެ އަތުން ދޫވެގެން ބިސް ކޮތަޅު ބިންމައްޗަށް ވެއްޓި ބިސްތައް ތަޅައިގެން ހިގައްޖެއެވެ. މަންމަ މިކަމާ ވަރަށް ދެރަވިއެވެ. އަނާވެސް ވަރަށް ދެރަވިއެވެ. އެކަމަކު ދެން ކުރެވޭނެ ކަމެއް ނެތެވެ. މަންމަ އެއްޗެކޭ ބުނަންވާއިރަށް އަނާ އަވަހަށް ބަދިގެއިން ނުކުތެވެ. އަދި އޭގެފަހުން ބަދިގެއަކަށް އަނާ ނާދެއެވެ. މަންމަ ވެސް ހީކުރި އަނާގެ އަޑެއް ބަޑެއް ނީވުމުން ދެން އަނާ ނިދީ ކަމަށެވެ.


ree

އެކަމަކު އަނާ ގޭތެރޭގައި ދެކޮޅަށް ދުވެލަ ދުވެލާ އުޅުނެވެ. ދަންވަރުވީއިރު އަނާ ވަރުބަލި ވެއްޖެއެވެ. އަދި ސޯފާގައި އޮށޯވެލި އިރަށް އަނާއަށް ނިދިއްޖެއެވެ. މަންމަ އަނާއަށް ފަތިސްނަމާދަށް ގޮވާ ގޮވާވެސް އަނާއަކަށް ނުހޭލެވުނެވެ. އަނާ ލޯހުޅުވާލި އިރު ހެނދުނު ވެއްޖެއެވެ. އަދި ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަނާ ފުންމައިގެން ތެދުވިއެވެ. މަންމަ ކޮބައިތޯ ބަލައި ހޯދަންފެށިއެވެ. އޭރު މަންމަ ކޮޓަރިން ނުކުންނަނީ އެވެ. މަންމަ ވެސް ހުރީ ޢީދު ހެދުން ލައިގެން ނަމާދަށް ދާން ތައްޔާރު ވެގެނެވެ. އަނާ ނުލާތޯ ދަނީ ސުވާލުކުރުމުން މަންމަ ބުނީ ވަރަށް އަވަސް ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫނީ ވަގުތަށް ނުދެވޭނެ ކަމަށެވެ.


ޢީދު ނަމާދު ކޮށް ނިންމާލުމުން ވަރަށް ގިނަ މީހުން އަނާ އަށް ޢީދު މުބާރަކް ކިޔާ ސަލާމް ކުރިއެވެ. އަނާ ހުރީ ޢީދު ނާމާދުގައި ބައިވެރި ވެވުނީމާ ވަރަށް އުފަލުންނެވެ. ދެން ޢީދު ސައި ބުއިމަށް ފަހު އަނެއްކާވެސް މެންދުރަށް ކެއްކުމުގައި ބޮޑެތި މީހުން ހަރަކާތްތެރިވިއެވެ. އަނާ ގާތު މަންމަ ބިސް ނޮޅާދޭން ބުނުމުން އަނާ ވަރަށް އުފާވިއެވެ. ރޭގައި ދިމާވި ކަންތައްތައް އަނާ ހަނދާން ހުރުމުން ބިސް ނޮޅާދިނީ ވަރަށް ފަރުވާތެރިކަމާ އެކުއެވެ.


ree

މެންދުރު ވުމުން އާއިލާ މީހުންނާއި އަވައްޓެރިން ޢީދު ކެޔުމަށް ޖަމާވިއެވެ. ކެއުމުގެ ތެރޭގައި އެކި ވާހަކަ ކިޔުމާއި މަޖާ ކަންތައްތަކުގެ ވާހަކަ ދެކެވުނެވެ. އަނާ ހުރީ އަނާގެ އަތުން އަނެއްކާވެސް ކަމެއްް ގޯސް ވެދާނެތީ އެކަމާ ވިސްނާށެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ޢީދު ވީ ވަރަށް އުފާވެރި ދުވަހަކަށެވެ. ހަވީރު ވުމުން އާހެދުން ލައިގެން އާއިލާ އާއި އެކު ބޭރަށް ގޮސް، އެހެން ކުދިންނާއި އެކު ކުޅެލާ މަޖާކޮށްލަންވެސް ފުރުސަތު ލިބުނެވެ. މިފަހަރުގެ މި ޢީދު މަތިން އަނާ ދުވަހަކުވެސް ހަނދާންނުނެތޭނެއެވެ.

2 Comments


Vaahaka Goani
Vaahaka Goani
Jun 05, 2019

Really appreciate your input to our stories and assure you we are continuously working on improving it :)

Like

Lathyfa A. Lathyf
Lathyfa A. Lathyf
Jun 05, 2019

I love these stories. Very interesting and suitable for little learners. Especially the way stories are written to give information about the changes we are going through. A suggestion though: make sure attention is given to proper Dhivehi grammar. Excellent work of a great team! 💖

Like
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
bottom of page