އަނާގެ ހާރު
Updated: May 14, 2019
އަނާ ބާރަށް ދުވަނީއެވެ. އެގޯޅިން މިގޯޅިން އެއްޗެއް ހޯދަމުން ދުވަނީއެވެ. ކުރިމަތިން އެއްޗެއް ފެންނާކަށް ނެތެވެ. އަނާގެ ދެފަރާތުން ވެސް އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. ހީވަނީ ހަމަ ހުރިތާ ހުރެގެން ދުވެވޭހެންނެވެ.
ކުއްލިއަކަށް އަނާގެ ކުރިމަތިން ބޮޑު އަލިގަނޑެއް ފެނިއްޖެއެވެ. އަނާ ސިއްސައިގެން ގޮސް ހުއްޓުނެވެ. އަނާ ދެލޯ ބޮޑުކޮށްލާފަ ރަަގަޅަށް ބަލާލިއެވެ. ވަރަށްވެސް ރީތި ވިދާ އެއްޗެއް ކުރިމަތިން ފެންނަހެން ހީވިއެެވެ. އަނާގެ ހިތް އަވަސްވާން ފެށިއެވެ. އަނާއަށް މިއާދެވުނީ އަނާ ހޯދަން އުޅޭ ހާރު ކައިރިއަށެވެ. އަނާ ހާރު ނަގާ ވިސްނާލިއެވެ.

މި ހާރު ކާނީ ކިހިނެއްބާއެވެ. ވަރަށް ރީތި ކުލަތަކުން ޖަރީކޮށްފައިވާ ހާރެކެވެ. އަނާ އަނގަ ހުޅުވާލާފައި ހާރު ކާލަން މަސައްކަތް ކުރިއެވެ. ކުއްލިއަކަަށް އަނާގެ ކޮނޑުގައި މީހަކު ހިފި އެވެ. އަނާ ބާރަށް ހަޅޭއްލަވަން ފެށިއެވެ.

"ދޫކޮށްލާ، ދޫކޮށްލާ! މި އުޅެނީ ހާރުކާން".
"އަނާ، ތެދުވެބަލަ، އޭރުންނޭ ހާރު ކެވޭނީ، ތި އޮތީ ނިދާފައެއްނު" އަނާއަށް މަންމަގެ އަޑު އިވުނެވެ.
އަނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އަނާއަށް ހުވަފެނެއް ފެނުނީކަން މަންމައަށް އެނގުމުން، އަނާ އުރާލައިގެން ގެންގޮސް ކާމޭޒުކައިރީގައި ބޭންދިއެވެ.
އަނާ ހާރު ކާހިތްވާލެއް ބޮޑުކަމުން، ހާރު ފެނޭތޯ ހޯދަންފެށިއެވެ. ހޯދާ ހޯދާވެސް ހާރެއް ނުފެނުނެވެ.
މަންމަ ބުނެލި، "އަނާ އަވަހަށް ހާރު ކާން ފަށާބަލަ" . އަނާ ކުޑަކޮށް ރުޅި އަތުވެއްޖެއެވެ. ހާރެއް ހަމަ ނުފެނުނެވެ.

އެކަމަކު މޭޒުމަތި ފުރާ ހުސް ކާއެއްޗިއްސެވެ. ބަތް، ގަރުދިޔަ، ފިހުނުމަސް، ލޮނުލުބޯ، އަސާރަ، ދޮންކެޔޮ، ހަކުރު، ހުނި، ވަޅޯމަސް އަދިވެސް އިތުރު ބާވަތްތައް ހުއްޓެވެ. އެކަމަކު ހާރެއް ނެތެވެ.
"މަންމާ، މިތާ ނެތެއްނު ހާރެއް؟ " އަނާ ހިތްހަމަ ނުޖެހިގެން ބުނެލި އެވެ. އެވަގުތު މޭޒުކައިރީގައި ކާންތިބި އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަނާ އަދި މިކަމާ ވަރަށް ކަންބޮޑުވެއްޖެެއެވެ.
މަންމަ ހީލާފައި އަނާ ގާތުގައި ބުނެލި، "ދަރިފުޅާ، ހާރަކީ ރޯދައަށް ހުރުމުގެ ނިޔަތުގައި ފަތިސް ވުމުގެ ކުރިން ކާ އެންމެ ފަހުގެ ނާސްތާއޭ، މިކެއުމަކީ ވަރަށް ހާއްސަ ކެއުމެއް އަދި ވިހާވެސް ފަތިސްނަމާދު ބަންގިއާއި ކައިރި ކޮށްފަ ކެއުން އެންމެ ރަގަޅީ."
އަނާގެ ބައްޕަ ބުނީ ހާރުކާ ވަގުތަކީ ހާރުދަން ކަމުގައެވެ. އެެއީ، ރޭގަނޑު، ދަންވަރު، ދެން ހާރުދަން އަދި އެއަށް ފަހު ފަތިސް ވުމަށް ފަހު އިރުއެރުމުން އެއީ ހެނދުނުގެ ވަގުތެވެ. ހާރަކީ އަނާ ހީކުރި އެއްޗަށް ނުވުމުން އަނާ ވަރަށް ފޫހިވިއެވެ.
އެހެން ނަމަވެސް މަންމަގެ ފިހުނުމަސް ލިބޭތީ އަނާ ވަރަށް އުފާވިއެވެ. އަދި ހިތާ ހިތުން، "ހާރު ކަނީ، ހާރު ކަނީ" ކިޔާލަމުން ހާރުކައި ނިންމާލިއެވެ.

އެއަށްފަހު އަނާ ދަތް އުނގުޅައިގެން ފެންތައްޓެއް ބޯލިއެވެ. އަދި މަންމަ އާއި އެކު ނިޔަތް ކިޔުމަށްފަހު ފަތިސް ނާމާދުކޮށްގެން އަނާ ނިދީ އަނާގެ ފުރަތަމަ ރޯދަ ހިފުމަށް އަޒުމްކަނޑައަޅައިގެންނެވެ.




Waiting for the next
Nicely written looking forward to the next 👏🏼👌🏾
i still remember how disappointed I was to know that there is no such thing as a physical "haaru" to eat. love this.
A short and sweet story, that captures the life experience of Ramazan time for many of us during our childhood. 😁