top of page

ބައިސްކަލް

  • Writer: Vaahaka Goani
    Vaahaka Goani
  • May 19, 2019
  • 2 min read

އާދައިގެމަތިން ވަރަށް ހެނދުނު އަނާ ތެދުވިއެވެ. އެހެން ދުވަސްތަކާއި ހިލާފަށް އަނާ މިއަދު ތެދުވި އިރު ހުރީ ވަރަށް އުފަލުންނެވެ. އަނާ ބައިސްކަލް ދުއްވަން ދަސްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަނާގެ ރަހުމަތްތެރި އަވަށްޓެރި ކުދިންކޮޅެއް ކަމަށްވާ އީކު، ރީނީ، އަދި ރައިނާ އާއި އެކު އެކުދިންގެ ބޮޑުބޭބޭ ސަމްބެގެ އެހީއާއި އެކު ހިއްކި ބިމަށް ގޮސް އަަނާ ބައިސްކަލް ދުއްވަން ދަނީ ދަސްކުރަމުންނެވެ.


އެންމެ ފުރަތަމަ ދުއްވަން ދަސްކުރީ އީކު އެވެ. ދެން ދަސްކުރާނީ ކޮންކުއްޖެއްބާއޭ، ހުރިހާ ކުދިންވެސް ހިތަށްއަރައެވެ. މިއަދު އަނާ އެކަނި ބައިސްކަލު ދުއްވަންވާނެކަމަށް ސަމްބެ އޮތީ ބުނެފައެވެ. ރޯދައަށް ހުރެގެން އަދި ބައިސްކަލް ދުއްވަންދާތީ އަނާ ވަރަށް އުފާވިއެވެ. އެކަމަކު ވަރަށް ވަރުބަލިވާނެއޭ ވެސް އަނާގެ ހިތަށް އެރިއެވެ.


ree

ހަވީރު ގަޑީގައި އަނާ ބައިސްކަލު ދުންވަން ރަހުމަތްތެރިންނާއެކު ދިޔައެވެ. އަވިދިން ކަމުގައި ވިއަސް ދުވަހަކީ ވަރަށް އަރާމު ފިނި ވައި ޖެހޭ ދުވަހެކެވެ. ހިއްކި ބިމުގައި ވަރަށް ގާވެސް ގިނައެވެ. ކޮށްމެވެސް ވަރަކަށް މަޑި އަރުވާ ކުދިންނާއި ، ބޮލި ހޮވާ ކުދިން އުޅެއެވެ.


ބައިސްކަލުގައި ހިފަހައްޓައިގެން ހުރި އިރު އަނާ ވެއްޓިދާނޭ ހިތަށް އަރާފާ، އަމިއްލައަށް މިއަދު ނުދުއްވާނަމޭ ސަމްބެ ގާތު ބުނެލިއެވެ. ރީނީ އަނާއަށް ވަރަށް ހިތްވަރު ދިނެވެ. ސަމްބެވެސް އަނާއަށް އިތުރަށް ހިތްވަރުދީ، ވާނެޔޭ ބުނެ އަނާ އަށް ހަދަންވީ ގޮތް ކިޔައިދިނެވެ.


އަނާ ބުންޏެވެ. "ސަމްބޭ! އަނާ ބުނަންދެން ބައިސްކަލު މަޑީގައި ހިފަހައްޓައިގެން ހުންނައްޗޭ!" ސަމްބެ އާއެކޭ ބުނުމުން އަނާ ބައިސްކަލަށް އަރާ ދުއްވާލިއެވެ. ބައިސްކަލުގައި އިންނަ އިރު އަނާގެ ފައި ވެސް ބިމުގައި ނުޖެއެވެ. އަނާ އިނީ ކުޑަކޮށް ފިނިވެފައެވެ. މިގޮތަށް އިރުކޮޅަކު ދުއްވާލި ތަނާ އަނާއަށް އެއްފަރާތަކުން ސަމްބެ ފެނުނެވެ. އެވަގުތު އަނާއަށް ކުއްލި ސިހުމެއް ލިބުނެވެ. އަދި ސަމްބެ އަނާގެ ބައިސްކަލް މަޑީގައި ހިފަހައްޓައިގެން ނެތްކަން އެނގުމުން ބިރުން ގޮސް ބައިސްކަލާއިއެކު ވެއްޓިއްޖެއެވެ.

އަނާގެ ކަކޫ ވަރަށް ބޮޑަށް މަށައިގެންވެސް ދިޔައެވެ. އަނާ ވެއްޓުމުން ހުރިހާ ކުދިން ތިބީ ވަރަށް ހީލަން ބޭނުންވެފައެވެ. ނަމަވެސް އަނާ ދެރަވެދާނެތީ އެއްވެސް ކުއްޖެކު ނުހެއެވެ.


ree

އަނާ އަށް ވީ ކިހިނެއްތޯ ސުވާލު ކުރުމުން އަނާ ދެބުމަ ގޮށް ޖަހާލާފަ ބުނީ "ކީއްވެ މަޑީގައި ނުހިފެހެއްޓީ، އަނާއަކަށް އަދި ނޭނގޭ ބައިސްކަލު ދުއްވާކަށް". ހުރިހާ ކުދިން އެއްފަހަރާ ބުނީ "އަނާ އެކަމަކު ބައިސްކަލު ތިޔަ ދުއްވީ އަނާ އެކަންޏެއްނު". އަނާ ބައިސްކަލު ދުއްވި އިރު ސަމްބެ ހިފަހައްޓަައިގެން ހުރިކަމަށް ހީކޮށް ވަރަށް ރީތިކޮށް ދުއްވާލެވުނެވެ. މިކަން އަނާއަށް ވިސްނުމުން އަނާ އަށް ބައިސްކަލު ދުއްވިދާނެކަން ޤަބޫލު ކުރެވުނެވެ.


އަނެއްކާވެސް އަނާ ބައިސްކަލު ދުއްވޭތޯ މަސައްކަތް ކުރިއެެވެ. މިފަހަރުވެސް އަނާ ވެއްޓުނީއެވެ. މިފަހަރު ވެއްޓުނީ ގަލެއްގައި އަޅައިގެންފައެވެ. ވެއްޓުމުން ތެދުވެފައި އަނާ ވަރަށް ބާރަށް ހޭންފެށިއެވެ. އެހެން ކުދިންވެސް އަނާއާއި އެކު ހޭންފެށިއެވެ. އިތުރު ހިތްވަރަކާއި އެކު މަަސައްކަތް ކޮށް އަނާ އަށް އެހެންމީހެއްގެ އެހީ އަކާއި ނުލާ ބައިސްކަލު ދުއްވަން ދަސްވިއެވެ.


ree

އަނާ ގެއަށް ދިޔައިރު ފައި އޮތީ ވަރަށް ބޮޑަށް މެށިފައެވެ. މަންމަ އަށް މިތަން ފެނުމުން މަންމަ ހީކުރީ އަނާދެން ބައިސްކަލު ދުއްވަންދާކަށް ބޭނުމެއްނުވާނެކަމަށެވެ. އެކަމަކު އަނާ މަންމަ ފެންނަ އިރަށް "މަންމާ! މަންމާ! އަނާއަށް މިހާރު އެކަނި ބައިސްކަލު ދުއްވޭ، މާދަމާ ވެސް ދެވޭނެތަ ދުއްވަން؟". މަންމަ ބުންޏެވެ. "ދަރިފުޅާ! ތިޔައޮތީ ފައިވެސް އެއްކޮން ހަލާކު ވެފަނު، ދެން ކިހިނެއް ދާނީ؟"


"މަންމާ އަނާ ފަސް ފަހަރު ވެއްޓުނޭ، އަކަމަކު ހަމަ ހުއްޓާނުލާ މަސައްކަތް ކޮށްލީމަ މިހާރު ދަސްވެއްޖެ، ފައި ހަލާކު ވިއަސް އަނާއަށް ތަދެއް ނުވޭ". އަނާ ބުނެލިއެވެ. އެވަގުތު މަންމަ ބުނީ "ދަރިފުޅާ! ވަރުބަލި ވެސް ނުވޭތަ؟"


"އާނ! މަންމާ! އަނާ ހީކުރީ ވަރަށް ވަރުބަލި ވާނެކަމަށް އެކަމަކު އަނާ ރޯދަ މަތިން ހަނދާންވެސް ނެތް، އަދި ނިންމާފަ ބޮލި ހޮވަން ވެސް ދިޔައިމޭ! މަންމަ ބަލާ! މިއޮތީ މަންމަ އަށް ހިއްކި ބިމުން ގެނައި ރީތި ބޮއްޔެއް".


ree

"އާޗާ! ދަރިފުޅާ! ތިބޮލި ހާދަ ރީއްޗޭ، ޝުކުރިއްޔާ، ދަރިފުޅު ވަރަށް ހިތްވަރުގަދަ". އަނާ ހިތްވަރުކުރި ކަން އެނގުމުން މަންމަ ވަރަށް އުފާވިއެވެ. ކޮންމެ ކަމެއްގައި ހިތްވަރާއިއެކު މަސައްކަތް ކުރުމުން ކާމިޔާބުވާނެކަން ޔަޤީނެވެ.


2 Comments


Xunns Ahmed Ismail
Xunns Ahmed Ismail
Jun 03, 2019

Beautiful stories ❤ keep updating more stories ❤

Like

Aami Saleem
Aami Saleem
May 26, 2019

can totally relate nicely written 👏🏼👏🏼👏🏼

Like
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
bottom of page