top of page

ތުވާލި

  • Writer: Vaahaka Goani
    Vaahaka Goani
  • May 10, 2020
  • 3 min read

Updated: May 10, 2020

އަވިދޭ ރީތި ދުވަހެކެވެ. ޖެހޭ މަޑުމަޑު ވައިން ގަސްތަކުގެ ފަތްތައް ހެލިލަ ހެލިލާ ހުއްޓެވެ. މިފަތްތަކާއެކު ތުވާލި ވެސް ހެލިލަ ހެލިލާ ހުއްޓެވެ. ތުވާލި ރޯނުގައި އަޅުވާލައިފައި ހުރި އިރު ވަރަށް ރީއްޗެވެ. ހުދު ކުލައިގެ މި ތުވާލިން މީރުވަސް ވެސް ދުވައެވެ. ތުވާލި ހިނިތުން ވެފައި ދުރު ބަލަން ހުއްޓެވެ. ފެންނަނީ މާރީތި ފިނިފެންމާ ތަކެކެވެ. މާތަކުންވެސް އެހާމެ މީރު ވަސް ދުވައެވެ. ތުވާލި ހިތަށްއެރިއެވެ. "އަޅެ އަހަރެންގެ ގައިގައި ރަތް ކުލަ ހުންނަ ނަމަ ކިހާ ރީތިވާނެ، އޭރުން އަދި މާމީރުވަސް ވެސް ދުވާނެ ކަންނޭންގެ".


ree

ތުވާލި މިހެން ހިތަށްއެރި ތަނާ އައި ބާރު ވައިރޯޅި އަކާއި އެކު ތުވާލި އެއްލާލައިފިއެވެ. އަދި ރަތް ފިނިފެންމާ ތަކުގެ މައްޗަށް ތުވާލި ވެއްޓިއްޖެއެވެ.


ree


މިމަންޒަރު ބަލަން ހުރި ބަގީޗާ ބަލަހައްޓާ މީހާ ތުވާލި ގެންގޮސް ރޯނުގަ އެޅިއެވެ. އެވަގުތު ތުވާލި ބަލާލި އިރު ތުވާލީގެ ކުލަ ވަނީ ރަތް ކުލަ އަށް ބަދަލު ވެފައެވެ. ތުވާލި މިކަމާ ވަރަށް އުފާވި އެވެ. އަދި ހިތާ ހިތުން ބުނެލިއެވެ. "އާޗާ! ދެން އަހަރެން ދުވަހަކުވެސް ދެރައެއް ނުވާނެ، މިއީ އަހަރެންނަށް އެންމެ ރީތި ކުލަ".

ree

ޖެހިގެންއައި ދުވަހު، ހެނދުނު ތުވާލި ހުރީ ލަވައެއް ކިޔާލާށެވެ. މިހެން ހުއްޓާ މާ ދުރުނޫން ހިސާބެއްގައި ކުދިން ކުޅޭ އަޑު އިވިގެން އެދިމާޔަށް ބަލާލިއެވެ. ތުވާއްޔަށް ފެނުނީ ވަރަށް ރީތި ކުޅިއެއްގައި ކުދިންތަކެއް ފަތާލަން އުޅޭ ތަނެވެ.


އަދި މުޅި ކުޅި ވަށައިގެން ރީތި ފެހިކުލައިގެ ގަސްތައް ހެދިފައި ހުއްޓެވެ. ގަސްތަކުގެ ހިޔަނި އެޅިފައިވާތީ ކުޅި ފެންނަނީ ފެހި ކުލައިގައެވެ. ތުވާލި ހިތަށް އެރިއެވެ. "މީހާދަ ރީތި ކުޅިއެކެވެ. އަހަރެންގެ ގައިގައި ވެސް ފެހި ކުލަ ހުންނާނެ ނަމަ ކިހާ ރީތިވާނެ، އޭރުން އަބަދުވެސް އަހަރެން ހުންނާނީ އުފާ ވެފަ"


ree

ތުވާލި މިހެން ބުނުމާއިއެކު އައި ބާރު ވައިރޯޅިއަކާއި އެކު ތުވާލި އެއްލާލައިފިއެވެ. ވަޔާއެކު އުދުހެމުން ތުވާލި ގޮސް ވެއްޓުނީ ކުޅިތެރެއަށެވެ. ކުޅެން އުޅުނު ކުއްޖަކަށް ތުވާލި ފެނުމުން ތުވާލި ގެންގޮސް ރޯނުގައި އެޅިއެވެ. ރޯނުގައި ހުރި ތުވާލި ބަލާލި އިރު ތުވާލީގެ ކުލަ ވަނީ ފެހި ކުލަ އަށް ބަދަލުވެފައެވެ. ތުވާލި ވީ އުފަލެއް ބުނެދޭން ވެސް ނޭނގޭ ފަދައެވެ. ތުވާލި ހިތަށް އެރިއެވެ. "އާޗާ! ދެން އަހަރެން ދުވަހަކުވެސް ދެރައެއް ނުވާނެ، މިއީ އަހަރެންނަށް އެންމެ ރީތި ކުލަ".


ދުވަސްކޮޅެއް ފަހެވެ. ތުވާލި ކުޅިއަށް ބަލަހައްޓައިގެން އިނެވެ. ކުޅިމަތީގައި ރީތި ދޫނިތަކެއް އުދުހޭތަން ފެނުނެވެ. ހާދަ ރީތި ދޫނިތަކެކެވެ. މިހެން ދޫނި ތަކަށް ބަލަމުން ގޮސް އުޑުމައްޗަށް ބަލާލެވުނެވެ. އެވަގުތު ތުވާލި ހިތަށް އެރިއެވެ. ހާދަ ބޮޑު ރީތި މަންޒަރެކެވެ. އުޑުގައި ހުންނަ ނޫ ކުލައަކީ ވެސް ހާދަ ރީތި ކުލައެކެވެ. ތުވާލި ހިތާ ހިތުން ބުންޏެވެ. "ނޫ ކުލަ، ފެހި ކުލައަށް ވުރެން ވެސް ރީތި، ކީއްވެބާ އަހަރެން ނޫކުލައިގައި ނުހުންނަނީ؟، އަހަރެން ނޫކުލައިގައި ހުންނަނަމަ، މާ ސިންގާ ކަނޑާއި އުޑު ފަދައިން އެހާމެ ފުރިހަމަވާނެ."


ree

ތުވާލި މިހެން ބުނުމާއިއެކު އައި ބާރު ވައިރޯޅިއަކާއި އެކު ތުވާލި އެއްލާލައިފިއެވެ. އަދި އިރުގަނޑަކު ވައިގެ ތެރޭގައި އުޅެމުން ގޮސް ތުވާލި ވެއްޓުނީ މާސިންގާ ކަނޑަށެވެ.


ree

ކަނޑު އޮޅީގައި ފީނައިގެން ކަނޑު އަޑި ބަލަން ތިބި ބަޔަކަށް ތުވާލި ފެނިގެން އަނެއްކާވެސް ތުވާލި ގެނެސް ރޯނުގައި އެޅުވިއެވެ. އެވަގުތު ތުވާލި ބަލާލި އިރު ތުވާލީގެ ކުލަ ވަނީ ނޫ ކުލަ އަށް ބަދަލުވެފައެވެ. ތުވާލި ހިތަށް އެރިއެވެ. "ވާ ވާ، ޗާލޭ، ދެން އަހަރެން ދުވަހަކުވެސް ދެރައެއް ނުވާނެ، މިއީ އަހަރެންނަށް އެންމެ ރީތި ކުލަ".


ޖެހިގެން އައި ދުވަހުގެ އިރު އެރުމުން ތުވާލި ހުރީ ވަރަށް އުފާވެފައެވެ. މިއަދަކީ އާދަޔާ ޚިލާފަށް ވައިގަދަ ދުވަހެކެވެ. ކުދިންތަކެއް މަޑިއެއްލާ މަންޒަރު ބަލަން ތުވާލި ހުރީ ހިނިތުން ވެލައިގެންނެވެ. ގިނަ ކުދިން ގެންގުޅެނީ ރީނދޫ ކުލައިގެ ވަރަށް ރީތި ބޮޑު މަޑިތަކެކެވެ.



ree

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތުވާލީ ގެ ހިނިތުންވުން ފިލައިފިއެވެ. ތުވާލި ގައިގައި ރީނދޫ ކުލަ ހުންނާނެ ނަމަ މާރީތިވާނޭ ހިތަށްއެރީއެވެ. އަދި ހިތާ ހިތުން ބުނެލިއެވެ. "ރީނދޫ ކުލަ ހާދަ ރީއްޗޭ، އަހަރެން ވަރަށް ބޭނުން ރީނދޫ ކުލައިގައި ހުންނަން"

ތުވާލި މިހެން ބުނުމާއިއެކު އައި ބާރު ވައިރޯޅިއަކާއި އެކު ތުވާލި އެއްލާލައިފިއެވެ. ކުޑަ ކުދިން ތައް އެއްލަން ތިބި މަޑިތަކުން މަޑިއެއްގައި ތުވާލި އޮޅި މަޑި އާއި އެކު ތުވާލި ވެއްޓިއްޖެ އެވެ. އެތަނުން އެއްކުއްޖެ ތުވާލި ގެންގޮސް ރޯނުގައި އަޅުވާލިއެވެ. އެވަގުތު ތުވާލި ބަލާލި އިރު ތުވާލީގެ ކުލަ ވަނީ ރީނދޫ ކުލަ އަށް ބަދަލުވެފައެވެ. ތުވާލި ހިތަށް އެރިއެވެ. "މީ އެންމެ ރީތި ކުލަ، މިކުލަ ލިބުމުން ވަރަށް އުފާވެއްޖެ."


ހަވީރުގެ ވަގުތެކެވެ، މުޅި ޖައްވު ވަނީ ފިނި ވެފައެވެ. އިރުގެ ދޯދިތައް ވަނީ ފަނޑުވެފައެވެ. ކަނޑުގެ ރާޅުތައް ގޮނޑުދޮށަށް ބީއްސަމުން ދެއެވެ. ކުއްލިއަކަށް ތުވާލީގެ ލޮލުގައި އަޅައިގަތީ ގަލެއްގެ މަތީގައި އިށީނދެގެން އިން، އިރުވައިހުދެކެވެ. އިރުވައިހުދު ފެނުމާއެކު ތުވާލި މާޔޫސް ވެއްޖެއެވެ. އެއްދުވަހެއްގައި ތުވާލި ވެސް އެހާ ހުދު ކޮށް ހުރިކަން ހަނދާންވީއެވެ. ތުވާލީ އަމިއްލަ ނަފްސާމެދު ވިސްނާ ލެވުނެވެ. "އަހަރެންނަށް ހާދަ ނުވިސްނެއޭ، ކޮންމެ ކުލައެއް ހުރި ނަމަވެސް ހަމަ އެހާ ރީތި، މިހާރު އަހަރެންގެ އަސްލު ކުލަ އަހަރެންނަށް މާކަމުދޭ، ލިބޭ މިންވަރަށް ޝުކުރު ނުކުރެވުމުގެ ނަތީޖާ މީ"


ree

ކުޑަ ހިނދުކޮޅަކު މިހެން ވިސްނަން އިންދާ، ތުވާލި ސިއްސައިގެން ދިޔައީ ވަރަށް ބާރު ވައި ރޯޅިއެއް ޖެހުމުންނެވެ. އަދި އެވަގުތު ތުވާލި ބަލާލި އިރު ތުވާލީގެ ކުލަ ވަނީ ހުދު ކުލަ އަށް ބަދަލުވެފައެވެ.


ree

ތުވާލި ހިތަށް އެރިއެވެ."ދެން އަހަރެން އަބަދުވެސް އަހަރެން ގައިގައި ހުންނަ ކުލަ އާއި މެދު ހިތްހަމަ ޖެހޭނެކަން ޔަގީން".

 
 
 

1 Comment


Xyna Aminath
Xyna Aminath
May 11, 2020

MashaAllah nice work team vaahaka goani. Love the colorful illustrations, the narrator and the story as a whole. Kids loved it ❤️

Like
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
bottom of page