އަނާ ކަނޑޫ ފަލަށް
- Vaahaka Goani

- May 21, 2020
- 2 min read
ހެނދުނު ހެނދުނާ ގޭދޮރުމަތި ކުނިކަހަން މާމަ އާއެކު އަނާވެސް ނުކުތެވެ. މާމަ ކުނިކަހާ އިރު މާމަ އަށް އެހީތެރިވެދޭން އަނާ ވަރަށް ބޭނުންވެއެވެ. ކުނި އުކާލަން ދާއިރު އަތިރި މައްޗަށް ދެވޭތީ އަނާ ވަރަށް އުފާވެއެވެ. އަތިރިމަތީގައި އަނާގެ ރަޙްމަތްތެރި ކުދިން ކުޅެން އުޅެއެވެ. އެކަމަކު އަނާ އެންމެ ދާހިތްވަނީ ވަލަށެވެ. އަނާގެ މާމަ ރަށުގައި ވަރަށް ބޮޑު ކަނޑޫފަލެއް އޮވެއެވެ. އަނާ މާލޭގައި ހުއްޓާ އެއްފަހަރު މާމަ ކަނޑޫ ފޮނުވިއެވެ. ކަނޑޫ ކޭ ހަނދާންވެސް އަނާވެއެވެ. އަނާގެ މަންމަ ކުޑައިރު ކަނޑޫ ފަލަށްދާ ވާހަކަ އަނާއަށް މަންމަ ކިޔާދެއެވެ. އަދިވެސް އަނާއަށް ކަނޑޫފަލެއް ނުފެނެއެވެ. މާމަ އަބަދުވެސް ބުނަނީ ، މާދަމާ ގެންދާނަމެވެ. ދުވަހަކު ވެސް އެ މާދަމައެއް ނާދެއެވެ.

އެވަގުތު އަނާއަށް އަޑު އިވުނީ ކުދިބަޔަކު ވަލަށްދާން އުޅޭ ވާހަކަ ދައްކާ އަޑެވެ. އަނާ މާމަ ގާތުން އެކުދިންނާއެކު ފޮނުވުމަށް އެދުނެވެ. މާމަ ވަރަށް ވިސްނާލާފައި މާމަ ދާފަހަރަކުން ގެންދާނަމޭ ބުންޏެއެވެ. އަނާ ވަރަށް ދެރަވިއެވެ. އަނާ އެދުވަހު ހަވީރު ކޮރާ ކުޅެން އުޅެނިކޮށް ވަލަށް ދިޔަ ކުދިންނާ ދިމާވިއެވެ. އަނާ އެކުދިން ގާތު ވަލުގެ ވާހަކަ އެހިއެވެ. އެކުދިން އަނާގާތު އެކުދިންނާއި އެކު ދެންފަހަރަކުން ވަލަށް ދިޔުމަށް ދައުވަތު ދިނެވެ. މާމަ ނުދާށޭ ބުނެފައި އޮއްވާ ދާކަށް އަނާއަކަށް ލާހިކެއްނޫނެވެ. އަނާ މަންމަ ގާތު ވަރަށް އާދޭސް ކުރިއެވެ. ވަލަށްދާން އަނާ ބޭނުންވާ ވަރު އެނގިފައި މަންމަ އަނާއަށް ހުއްދަ ދިނެވެ. އަދި އަވައްޓެރި ރަޙްމަތްތެރިއެއް ކަމަށްވާ ސަންފަ ގާތުގައި އަނާ ގޮވައިގެން ވަލަށްދާން އެދުނެވެ.
އަނެއްދުވަހު ހެނދުނު ހެނދުނާ ތެދުވެގެން، އަނާ ސަންފަދައިތަ ގޯއްޗަށް ދިޔައެވެ. ދައިތައަށް އަނާ ފެނުމުން ހީލާފާ، ވަލަށްދާނީ މެންދުރު ފަހުއޭ ބުނެލިއެވެ. އަނާ އެދުވަހު މާމަ އަށް އެހީވާންވެސް ނުދެއެވެ. އަދި ގޯތިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ދެތިންފަހަރަކު އަނާ ގެއަށް ވައްދަން ވެސް ޖެހުނެވެ.
އަނާ މަންމަ އާއިއެކު ނަމާދު ކޮށްލައިގެން ވަލަށްދާން ތައްޔާރުވިއެވެ. ސަންފަ ދައިތަ ދިޔައީ އެގޭގައި އުޅޭ އެހެން ކުދިންކޮޅެއް ވެސް ގޮވައިގެނެވެ. ވަލުގައި އޮތީ ވަރަށް ބޯކޮށް ގަސްހެދިފައެވެ. މީހުން ހިނގާ ތަން ފާހަގަ ވާނޭހެން މަގުހެދިފައި ހުއްޓެވެ. ވަރަށް ރީތި ކަށިކެޔޮ ގަސްތަކާއި ރުއްތަކުން ވާ އޮތީ އެއްކޮން ހިޔާވެފައެވެ. ވަކިހިސާބަކަށް ދެވުނުތަނާ ބިމުގެ ފަސްގަޑު ތެއްވެ ޗަކަވާ ކަހަލަ އިހުސާސެއް ކުރެވުނެވެ. ގަސްތައް ބޯކަމުން މަޑުމަޑުން އަތުން ގަސްތައް ދުރުކުރަމުން އަނާވެސް ދިޔައެވެ. އަނާ ކުޑަކޮށް އެއްފަރާތަށް ޖެހިލިއެވެ. އޭރު ސަންފަދައިތަ ވެސް ހުރީ ތަންކޮޅެއް ދުރުގައެވެ.
އަނާ މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައެވެ. އަނާ އެޅި ފިޔަވަޅާއެކު އަނާ ބިމަށް ގަނބައިގަތެވެ. ކަނޑޫ ގަސްތަކުތެރެއަށް ވަދެވިއްޖެކަން އެނގުނީ އެހިސާބުންނެވެ. އަނާ ހަމަޖެހިލާފައި ދެން އެޅި ފިޔަވާޅާއެކު ވަރަށް ބޮޑަށް ގަނބައިގަތެވެ. އަނާ ބިރުން ހަޅޭއްލަވަން ފެށިއެވެ "ސަންފަދައިތާ، ސަންފަދައިތާ". އެވަގުތު ސަންފަދައިތައަށް ވެގެން އުޅޭގޮތް އެނގުނެވެ. ވަގުތުން އައިސް އަނާ ނަގަން އަތް ދިއްކޮލިއެވެ. އެހެނަސް އަނާއަށް އެއަތުގައި ހިފޭގޮތެއް ނުވިއެވެ. އަނާ ހާސްވާންފެށިއެވެ. އެވަގުތު އަނާމެންނާއެކު ދިޔަ އެހެން ކުދިންވެސް އެތަނަށް ޖަމާވެއްޖެއެވެ. އެއްވެސް ކުއްޖަކަށް އެހިސާބަށް ދާކަށް ނުކެރުނެވެ. އެވަގުތު އަނާ ހިތްވަރުކޮށްލާފާ ހަރަކާތްކޮށްލެވޭތޯ ބެލިއެވެ. އަދި ކަނޑޫގަހެއްގެ ގޮފިގަނޑެއްގައި ހިފޭތޯ ބެލިއެވެ. ސަންފަ ދައިތަ ވެސް އަނާއަށް އަތްދިއްކުރެވޭތޯ ބެލިއެވެ. އަނާ ވަރަށް މަސައްކަތުން ގޮފިގަނޑެއްގައި ހިފާފައި ސަންފަދައިތައާއި ދިމާއަށް ދިޔައެވެ. ވަގުތުން ސަންފަދައިތަ އަނާގެ އަތުގަ ހިފާފައި އަނާ ނެގިއެވެ.

އަނާއަށް ހަމަޖެހިލެވުނުއިރު އަނާގެ ފައިވާނެއްވެސް ނެތެވެ. ޗަކަގަނޑުގެ ތެރޭގައި އަނާގެ ފައިވާން ހަރުލީއެވެ. އަނާ ފުން ނޭވާއެއް ލާފައި ހޭންފެށިއެވެ. ސަންފަދައިތަ ހުރީ އަނާއަށް ކަމެއްވެދާނެތީ ވަރަށް ބިރުންނެވެ. އަނާ ކަނޑޫ ކަނޑައިގެން ގެއަށް ދިޔައީ ވަރަށް އުފަލުންނެވެ. އަކަމަކު އެދުވަހު އެދިމާވި ހާދިސާ، އަނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އަނާގެ މަންމަ ބޮޑުމީހަކާ ނުލާ އަނާ ނުފޮނުވީ ކީއްވެކަން އަނާއަށް ވިސްނުނެވެ. އޭގެފަހުންވެސް އަނާ ކަނޑޫފަލަށް ދިޔައެވެ. އަދި އެންމެ އުފާވީ މަންމަ އާއިއެކު ކަނޑޫފަލަށް ދެވުނީމައެވެ.






Comments