top of page

ފައްކާ ދަތުރެއް

  • May 3, 2020
  • 3 min read

Updated: May 10, 2020

އަނާ މާމަ ރަށަށް ދާހިތުން ހުރީ ކެތްމަދުވެފައެވެ. ރަށަށް ދާ ދުވަސް އަންނާނީ ކޮން އިރަކުން ބާއެ ހިތާ، އަނާ މަންމަ ގާތު އަބަދު ސުވާލު ކުރެއެވެ. މަންމަ ބުނެލި "އަނާއަށް އެނގޭތަ އަނާ ވަރަށް ތުއްތު އިރު ރަށުގަ އުޅުނުކަން؟" އަނާ ކުޑަކޮށް ވިސްނާލިއެވެ. އެއްވެސް ވަރަކަށް ރަށުގައި އުޅުނު ހަނދާނެއް އަނާ ނުވެއެވެ. "އެއީ އަނާ މާ ކުޑައިރު ދޯ މަންމާ؟" އަނާ ހެމުން ހެމުން ބުނެލިއެވެ. އަދި މަންމަ ގާތު މަންމަ ރަށުގައި އުޅުނު އިރުގެ ވާހަކަތައް ކިޔާދޭން އަނާ އެދުނެވެ.


އަނާގެ މަންމަ ރަށުގައި އުޅުނުއިރުގެ ވަރަށް ގިނަ ވާހަކަތައް ކިޔާދެއެވެ. ވަލަށް ދާ ވާހަކަ، މޫދަށް އެރޭ ވާހަކަ އަދި ރަށުތެރޭގައި ކުޅެން އުޅޭ ވާހަކަތައް އަނާ ވަރަށް ގަޔާވެއެވެ.


"މަންމާ! އަނާ އަށް ވެސް ބޭނުން އިރަކު މޫދަށް ދެވޭނެ ދޯ؟" އަނާ ބުނެލިއެވެ. މަންމަ ހީލާފާ ބޯ ހޫރުވާލިއެވެ. އަދި ބުނެލި "ދެން ދިޔައިމައެއްނު އެނގޭނީ ދަރިފުޅާ!"



ދިގު އިންތިޒާރަކަށްފަހު އަނާގެ އާއިލާ ރަށަށް ދާން ބައްތެއްޔެއްގައި ފުރީ ފަތިހުގެ ވަގުތެއްގައެވެ. މާސިންގާ ކަނޑުގެ ރާޅު ތަކު ތެރޭގައި ހަލުވި ދުވެއްޔެއްގައި ދޯނި ދުއްވަމުން ދިޔައެވެ. އަނާއަށް ފެންނަމުންދާ މަންޒަރުތަކަށް ޝައުޤުވެރިކަމާއި އެކު ބަލަން އިން އިރު އަނާގެ ހިތް ބާރަށް ތެޅެއެވެ. ދޯނީގައި އަނާގެ އާއިލާ ނޫން އެހެން މީހުން ވެސް ދަތުރު ކުރިއެވެ. އަނާ އަށް މީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އަނާ މަންމަ ގާތުގައި އެހި " މަންމާ، ކޮންއިރަކުންތަ ރަށަށް ދެވޭނީ؟" ދެދުވަހެއްގެ ތެރޭގައި ދެވޭނެކަމަށް މަންމަ ބުނެލިއެވެ. "ހާދަ ގިނަދުވަހެކޭ!" އަނާ ފޫހިވެފައި ބުނެލިއެވެ. އެވަގުތު މަންމަ އަނާއަށް ވިލާގަނޑެއް ދައްކާލިއެވެ. އަދި އެވިލާގަނޑުގެ ސިފަ ބަދަލުވާތައް ބަލަން ދެމައިން ތިއްބެވެ. ބައެއްފަހަރު ހީވަނީ ވިލާގަނޑުން ބޮޑު މަހެއް ފެންނަހެން ނޫނީ ހީވޭ ރަށެއް ފެންނަހެންވެސް.


މިހެން ތިއްބާ އަނާ ސިއްސުވާލީ ދޯނި މަތީގައި އަނާއަށް ދިމާވި ކުއްޖެއް އަނާ ކަންފަތްދޮށުގައި ހަޅޭއްލަވައިގެން އަޑަށެވެ. އަނާ ވަރަށް ބާރަށް ހޭންފެށިއެވެ. ރަޙްމަތްތެރިޔާ އާއި އެކު އަނާ ރާޅުޖަހާ ތަން ބަލަންދިޔައެވެ. އަނާ އުދަރެހާ ދިމާޔަށް އަތް ދިއްކޮށްލާފައި ބުނެލި، "އަލީ އަށް އެނގޭތަ، ދޯނި ވަރަށް ވަރަށް ގިނަ ދުވަހު ދުއްވަމުން ދުއްވަމުން ގޮސް އެންމެ އެކޮޅަށް ދިޔައިމަ އުޑުގަ އަތްލެވޭނެ" އަލީ ބުނެލި "އެކަމަކު ބައްޕަ ބުނީ އަތެއް ނުލެވޭނެޔޯ". އަނާ ކުޑަކޮށް ވިސްނާލިއެވެ. ފަހުން އަނާގެ ބައްޕަ ގާތުގައި އަހާނީއޭ ހިތާ އިތުރު އެއްޗެއް ނުބުނެ ދެކުދިން ކުޅެން ތިއްބެވެ.


ދަތުރުގެ ދެވަނަދުވަހު އަނާ އިނީ ވަރަށް ބޯ އަނބުރާފައެވެ. ރާޅުތައް ބަލާލާނެހާ ހިތްވަރު ވެސް އަނާ ގަޔަކުނެތެވެ. ކާށިދޫކަނޑުގައި ދޯނި ދުއްވަމުން ދިޔަ އިރު ކަނޑު ވަރަށް ގަދައެވެ. ކައްޕީގެ ހިތްވަރާއެކު ހުރިހާ ފަޅުވެރިންވެސް ރައްކާތެރިކަމާއެކު ދޯނި ދުއްވޭތޯ މަސައްކަތް ކުރިއެވެ. އަދި އެރޭ ރޭގަނޑު ދޯނި ނުދުއްވޭނެ ވާހަކަ ކައްޕި ބުންޏެވެ. ދެން ހަދާނީ ކިނެއްބާ؟ އަނާ ކުޑަކޮށް މާޔޫސް ވިއެވެ. މަންމަ ގާތު ދެރަވެލާފައި އަނާ ބުނެލި "މަންމާ ދެން ރަށަށް ދެވޭނީ ކޮންއިރަކުން؟". މަންމަ ބުނެލި "ދަރިފުޅާ! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަށަށް ދެވޭނޭ، މަންމަ އަނާއަށް ކިޔާދިނީމެއްނު މަންމަމެން ކުޑައިރު ދަނީ ރިޔާ ދޯނީގައި ފަލިޖަހާފައޭ، މިހާރު ދޯނިގައި އިނޖީނުވެސް ހުރޭނު، އެހެންވީމަ ކަނޑު މަޑުވީމާ ވަރަށް އަވަހަށް ދެވިދާނެ." އަނާ ވަގުތުން ހޭންފެށިއެވެ. މަންމަ ހައިރާން ވެފައި އަނާއަށް ބަލާލިއެވެ. އަނާ ބުނެލި " އަނާ އަށް ސިފަވީ މަންމަ ފަލިޖަހާތަން،އެހެންވެ މަޖާވީ". އަނާގެ މަންމަ އަނާގެ ބަނޑުގައި ގިލިގިލި ކޮށްޓާލާފާ މަޖާ ކޮށްލިއެވެ.


އަނާއަށް އެވަގުތު ކައިރީގައި އޮތް ރަށް ފެނުނެވެ. އަތިރިމަތީގައި ވަރަށް ބައިވަރު މަސް އަވީލާފާ ހުއްޓެވެ. ބައެއް މީހުން އަވަދި ނެތި އުޅެނީ މަސްތައް ހިޔަލަށް ގެންދިޔުމުގައެވެ. އަނާގެ މަންމަ ބުނެލި " ދަރިފުޅަށް އިނގޭތަ މީ ވަރަށް މަސްވެރި ރަށެކޭ، ލޮނުމަސް އަވީލާފަ ހިއްކާނީ، އޭރުން ފަހުންވެސް ކެވޭނެ، މިހާރު ކެރިގަނޑެއް އަންނާތީ އަވަހަށް މަސްތައް ހިޔަލަށް އެވައްދަނީ". އަނާ ދުވަހަކުވެސް އެހާ ގިނަ މަސް އަވީލާފައި ހުއްޓައެއް ނުދެކެއެވެ. އަދި ހައިރާންވެފައި ބަލަން އިނެވެ. އެރަށުގެ ވަރަށް ގިނަމީހުން އަނާމެންނަށް މަރުހަބާ ކިޔަން އައެވެ. އަދި މީރު ކާތަކެއްޗާއެކު ސައި ތައްޔާރުކޮށް ދޯންޏަށް ގެނެސްދިނެވެ.


އިޝާ ނަމާދުކޮށްގެން އެންމެންވެސް ބެލީ އަވަހަށް ނިދޭތޯއެވެ. އަނާވެސް އޮތީ ވަރަށް ވަރުބަލި ވެފައެވެ. އެކަމަކު ރަށަށް ދާހިތްވާލެއް ބޮޑުކަމުން އަނާއަށް ހަމަ ވިސްނަން އޮވެވުނީއެވެ. އަނާއަށް އެވަގުތު އަނާގެ މަންމަ އަނާ ނިންދަވަން ކިޔާ ނާނާއެއްގެ އަޑު އިވުނެވެ. "ބޮޑުބުޅަލާ ނާދޭ، މިގޭ ދޮށަށް ނާދޭ، މިގެއަކުނެތް ރޯކުއްޖެއް، އެގޭ ދޮށަށް ދާންދޭ". މިއަޑު އިވުމާއެކު މަޑުމަޑުން އަނާގެ ލޯމެރި ނިދިއްޖެވެ.

އަނެއް ދުވަހު އަނާއަށް ހޭލެވުނުއިރު އަނެއްކާވެސް ދޯނި ހަލުވިކަމާއެކު ދުއްވަނީއެވެ. އަނާ ރަށް ފެނޭތޯ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އިރުކޮޅުކޮޅާ މަންމަގާތު ރަށަށް ދެވޭނީ ކޮންއިރަކުންތޯ ސުވާލުކުރެއެވެ. ކަންދިމާކުރި ގޮތުން މެންދުރުން އެނބުރިތަނާ ކަނޑު ގަދަވެ ވިއްސާރަވާން ފެށިއެވެ. އަނާ މަންމަ ގާތު ބުނެލި " މަންމާ، އަނެއްކާ މިރޭވެސް އެހެން ރަށެއްގަތަ މަޑު ކުރާނީ؟" މަންމަ ބުނެލި "މިރޭ ވާންވާއިރަށް ދެވޭނެކަމަށް ބަލަމާ ދޯ ދަރިފުޅާ!". އަނާ މަންމަ ގާތު މަޑުމަޑުން އޮށޯތެވެ. ހިނދުކޮޅެއްގެ ތަރޭގައި އަނާއަށް ނިދިއްޖެއެވެ.


އަނާއާށް ކުއްލިއަކަށް ހޭލެވުނީ މަންމަ އަނާއަށް ގޮވާލި އަޑަށެވެ. "ދަރިފުޅާ! ނިކަން ބަލާލަބަލަ، އެއޮތީ ރަށުގެ މަލަމަތި ފެންނަން" މަންމަ އެހެން ބުނެލުމާއިއެކު އަނާ ފުންމައިގެން ތެދުވިއެވެ. އަދި މަންމަ އަތުގައި ހިފާ ފުންމަންފެށިއެވެ. އަނާއަށް ރަށް ސިފަވީ ކަޅު އަނދިރި ގަނޑެއްހެނެވެ. އަނދިރިކަމުން ގަހެއް ފަތެއް ވަކިކުރާކަށް ނޭގުނުނަމަވެސް އަނާ ހުރީ ރަށަށް އަރަން ތައްޔާރަށެވެ.


ގަދަ ކަނޑުގައި ދުއްވަމުން ގޮސް ދަންވުމުގެ ކުރިން ދޯނި ރަށަށް ލެފުނީ ހަމަ ކިރިޔާއެވެ. ރަށުގައި ފާލަމެއް ނެތްކަމުން ރަށަށް އެރެނީ ބޮއްކުރާއެއްގައި ފަހަރަކު ބަޔަކަށެވެ. އޭރުވެސް ކޮށްމެވެސް ވަރަކަށް ވާރޭކަނި ޖަހައެވެ. ހީކަރުވާފައި ހުރިވަރުން އަނާ މަންމައާއެކު ވަރަށް ބާރަށް ދުވެފައި ގެއާ ދިމާއަށް ދިޔައެވެ. ރޭގަނޑު ނަމަވެސް ގޭދޮށުގައި ރަށުގެ ކުޑަ ބޮޑު އެންމެން އެއްވެތިބެ ބޮޑުބެރު ޖަހަނީ އެވެ. މިއީ އާދަކާދައިގެ މަތިން ރަށުގައި ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެކެވެ. އަނާއަށް ރަށަށް އާދެވުނުކަމުގެ އިހުސާސް ކުރެވުނެވެ.



އެވަގުތު މާމަ އައިސް އަނާ އުރާލިއެވެ. "އަނާއަށް ރަށަށް އާދެވިއްޖެދޯ މާމާ؟" އަނާ ބުނެލިއެވެ. އަދި ދޯނިމަތީގައި ދިމާވި ހާދިސާތައް އަނާ މާމަ އަށް ކިޔާދޭން ފެށިއެވެ. މާމަ އަނާގެ ވާހަކަތައް ޝައުޤުވެރިކަމާއެކު އަޑުއަހަން އިނެވެ. އަދި ބުނެލި އެވެ "އައްދޭ ފައްކާ ދަތުރެއް ދޯ ދަރިފުޅާ!"

Comments


© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
bottom of page